ގދ. ތިނަދޫން މަސްވެރިންނަށް ޚާއްސަ އަގުގައި ތެޔޮ ދޫކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ގދ. ތިނަދޫން މަސްވެރިންނަށް ޚާއްސަ އަގުގައި ތެޔޮ ދޫކުރަން ފަށައިފި

ގދ. ތިނަދޫން މަސްވެރިންނަށް ޚާއްސަ އަގުގައި ތެޔޮ ދޫކުރަން ފަށާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. މި މަޤުޞަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ފުޅާދާއިރާއެއްގައި ހަމަޖައްސާފައެވެ.

މީގެ ކުރިން މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތެރެއިން އެންމެ 4 ސަރަހައްދަކުންނެވެ. އެހެންނަމަވެސް، މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި މިހާރު ވަނީ އިތުރު 11 ސަރަހައްދަކުން މި ޚިދުމަތް ދޭން ފަށާފައެވެ. އެންމެ ފަހުން މި އިންތިޒާމު ހަމަޖައްސާފައިވަނީ ގދ. ތިނަދޫގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ހަމައެކަނި ރ. އަތޮޅާއި ތ. އަތޮޅުގައެވެ.

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ފެލިވަރު، ކ. ހިންމަފުށި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ގދ. ތިނަދޫ، ގއ. ކޫއްޑޫ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީ އެވެ.

ސަރުކާރުގެ މި ނިންމުމާއެކު، މަސްވެރިކަމުގެ ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން