ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް ގެނައި އިސްލާހާއެކު، ރާއްޖެއިން ބޭރުން ފަރުވާކުރުމަށް އާސަންދައިގައި ރަޖިސްޓްރީކޮށްފައި ނުވާ ޚިދުމަތްތަކަށްވެސް ސްކީމުން އެހީ ދޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވިދާޅުވެއްޖެއެވެ. މި ބަދަލަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ގެނައި ބަދަލެކެވެ.
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ރަޖިސްޓްރީކޮށްފައި ނުވާ ޚިދުމަތްތަކަށް އާސަންދަ ދޭނީ ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މީގެ ކުރިން އާސަންދަ ސްކީމްގެ ދަށުން ރިފަރެލް ދެމުން އައީ ހަމައެކަނި ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދުމަށެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، ހެދިފައިވާ އުސޫލުގެ ތެރެއިން މީގެ ކުރިންވެސް ރާއްޖެއިން ފަރުވާ ލިބޭ ބައެއް ހާލަތްތަކުގައި ބޭރަށް މީހުން ފޮނުވާފައިވާ ކަމަށެވެ. އަދި އާސަންދަ ސްކީމްގެ ތެރެއަށް މި މަސައްކަތް ބަދަލުވުމުންވެސް އެ އުސޫލު ހިފަހައްޓާނެ ކަމަށާއި، ނަމަވެސް ރާއްޖޭގައި ފަރުވާ ކުރެވޭ ހުރިހާ ބައްޔަކަށް ބޭރަށް ނުފޮނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒީނިޔާ އިތުރަށް ވިދާޅުވީ، "މިއީ އާކަމެއް ނޫން އަޅުގަނޑުމެން ކުރިންވެސް ހަމަ އާސަންދަ ސްކީމްގެ ތެރެއިން ފޮނުވަން، މައިބަދައިގެ އޮޕަރޭޝަނެއް ދެފަހަރު ތިން ފަހަރުކޮށްފައި ފެއިލްވެފައި ހުންނަ ކޭސްތަކުގައި ޑޮކްޓަރުން ރެކޮމަންޑުކުރީމައި އެބަ ވިދާޅުވޭ ބޭރަށް ދާން. މިފަދަ ހަލާތެއްގައި އެއީ ރާއްޖެއިން ކުރެވޭ ކަމަކަށްވިއަސް އާސަންދަ ސްކީމްގެ ތެރެއިން ފޮނުވާނެ،" ކަމަށެވެ.
އަލަށް ގެނައި ބަދަލުގައިވާ ގޮތުން، ރާއްޖޭގައި ލިބެން ހުރި ފަރުވާއެއް ހޯދުމަށް ބޭރަށް ފޮނުވޭނީ އާސަންދަ ސްކީމްގައި އެމްޕެނަލް ވެފައިވާ ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އެ ފަރުވާއަކީ އާސަންދައިގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޚިދުމަތަކަށް ވިޔަސް، މީހާގެ ހާލަތަށް ބަލައި އެ ސްކީމުން އެހީ ދެވޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.