ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ތިލަފުއްޓަށް ބޯޓު ފަހަރު ބަނދަރުކޮށް، ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ތޮށްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޕީއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މުހިންމު އޮޕަރޭޝަނެކެވެ.

މި މަސައްކަތުގެ ތެރެއިން އެމްޕީއެލުން ވަނީ ތިލަފުށީގައި ގާއިމުކޮށްފައިވާ ކީ ވޯލްއަށް ބޯޓުފަހަރު ބަނދަރުކޮށްގެން ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން ކުރިއަށްގެންގޮސްފައެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ "އެމްއެސްއެސް ގަލޭނާ" ބޯޓަށް ޖުމްލަ 394 ޓީއީޔޫގެ ހުސް ކޮންޓެއިނަރު ވަނީ ބަރުކޮށްފައެވެ.

އެމްޕީއެލްގެ ޓީމުތަކުން ރެޔާއި ދުވާލު ކުރި މަސައްކަތުން މި އޮޕަރޭޝަން ނިންމާލާފައިވަނީ ޖުމްލަ 20 އޮޕަރޭޝަނަލް ގަޑިއިރުގެ ތެރޭގައެވެ. މިއީ ބަނދަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލްއިން ވިދާޅުވީ، "ޓީމް އެމްޕީއެލްގެ ގުޅިފައިވާ މަސައްކަތުން ތިލަފުށީގައި ކުރިއަށްގެންދިޔަ ޓްރައިލް ބާރތިންގ އޮޕަރޭޝަން މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި. 20 މަސައްކަތު ގަޑިއިރުގެ ތެރޭގައި ޖުމްލަ 394 ޓީއީޔޫ ވަނީ އެމްއެސްއެސް ގަލޭނާ ބޯޓަށް ބަރުކުރެވިފައި."

އެމްޕީއެލްއިން ވަނީ މި އޮޕަރޭޝަން ކާމިޔާބުކުރުމުގައި ރެޔާއި ދުވާލު މެދުކެނޑުމެއްނެތި މަސައްކަތްކުރި އެ ކުންފުނީގެ މުވައްޒަފުންގެ އިޚްލާޞްތެރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. މި އައު އޮޕަރޭޝަނާއެކު މާލޭ ބަނދަރުގެ ތޮށްޖެހުމަށް ލުޔެއް ލިބި، މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން