މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އޮސްޓްރިއާގެ ވިއެނާގައި މިހާރު ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން (ސީސީޕީސީޖޭ) ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީޖީ ޢައްބާސް ޝަރީފްގެ ވާހަކަފުޅުގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ދުނިޔޭގައި އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން ހިންގާ މިފަދަ ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ގެއްލޭކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.
ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، މިކަން ހައްލުކުރެވޭނީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި ގުޅިގެން ތަޙުޤީޤުތައް ހިންގޭނެ ހަރުދަނާ ނިޒާމެއް އޮވެގެން ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ފަހަތުގައި ފޮރުވިގެން ތިބެ ހިންގާ ކުށްތައް ބެލުމުގައި ރާއްޖެ ފަދަ ކުދި ޤައުމުތަކަށް، ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދާއިރާއިން ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއިން ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޕީޖީ ވަނީ ދެއްވާފައެވެ. މި ކޮންފަރެންސްގެ ހަވާސާގައި ޢައްބާސް ޝަރީފް ވަނީ އެކި ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޖޫން މަހުގެ 1 އިން 5 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޕީޖީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުން ކަމަށްވާ އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲ އާއި، އަޝްފާޤު ނަޢީމް އަދި އަޙްމަދު އައިމަން ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ. ސީސީޕީސީޖޭ އަކީ ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ އދ. ގެ މައިގަނޑު އެއް އިދާރާއެވެ.