ހައްޖުވެރިން އެނބުރި އަންނާތީ އެއާޕޯޓަށް ދިއުމަށް ބަހާއި ފެރީ ބޭނުންކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހައްޖުވެރިން އެނބުރި އަންނާތީ އެއާޕޯޓަށް ދިއުމަށް ބަހާއި ފެރީ ބޭނުންކުރުމަށް އިލްތިމާސްކޮށްފި

މިއަހަރުގެ ހައްޖުގެ މުގައްދަސް އަޅުކަން ފުރިހަމަކުރުމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފެށުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ އެއާޕޯޓަށް ދާ ފަރާތްތަކުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

ވީއައިއޭ އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް އެއްވާނެ ދުވަސްތަކެއް ކަމަށް ބެލެވޭތީ، ދަތުރުވެރިންނާއި ހައްޖުވެރިން ބަލާދާ އާއިލާތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ތާވަލުތަކުން ދައްކާގޮތުން ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު، އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އޮންނަ ހާއްސަ ފްލައިޓްތަކުންނެވެ.

މި ދުވަސްވަރު އެއާޕޯޓުގެ ޕާކިން ސަރަހައްދަށާއި ޓްރެފިކަށް ބާރުބޮޑުވާނެތީ، އެ ސަރަހައްދު ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ފެރީ ނުވަތަ ބަހުގެ ހިދުމަތް ބޭނުންކުރުމަށް ވީއައިއޭ އިން ވަނީ ބާރުއަޅާފައެވެ.

"މިކަމުގެ ސަަބަބުން އެއާޕޯޓްގެ ޕާކިންގެ އިތުރުން އެއާޕޯޓުގެ ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓް ބަސް ބޭނުންކުރެއްވުމަށް އިލްތިމާސްކުރަމެވެ،" އެމްއޭސީއެލްގެ އެޑްވައިޒަރީގައި ބުނެފައިވެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނައިރު، ހައްޖުވެރިންނަށް އެއާޕޯޓުން މަރުހަބާ ކިޔުމަށް ވާންޖެހޭ ތައްޔާރީތައް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން