ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ބާއްވަން ކުރިން ކަނޑައެޅި ތާރީޚު، އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، އެއަށްވުރެ އަވަހަށް ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު ޕީއެންސީގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައެވެ. ކުރިން އޮތް ގޮތުން ނަމަ، އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީން ބުނީ، ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމަށް ރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. ރައީސް މިގޮތަށް ހުށަހެޅުއްވީ، ކުރިން ކަނޑައެޅި ތާރީޚަކީ އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރަށް ވާތީ، ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ.
ޕީއެންސީން އިތުރަށް ބުނި ގޮތުގައި، ރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ. ކޮންގްރެސް އަވަސްކުރަން ނިންމި ނަމަވެސް، ދެން ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ވަރަށް އަވަހަށް އެ ތާރީޚު ރަސްމީކޮށް އިޢުލާންކުރާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.
މިއީ ޕީއެންސީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ދައުރަށް ޕާޓީގެ މަގާމުތަކަށް މީހުން އިންތިޚާބުކުރުމަށް ބާއްވާ މުހިންމު ކޮންގްރެސްއެކެވެ.