މިއަހަރުގެ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި، "ޓެލްކޯ އޮފް ދަ އިޔާ–ސްމޯލް މާކެޓްސް" ގެ ޝަރަފުވެރި އެވޯޑް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ކާމިޔާބުކޮށްފިއެވެ. މިއީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ކުންފުނިތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.
ޓްވިމްބިޓް ޓެލެކޮމް އެވޯޑަކީ އީޖާދީ އާ ކަންކަމާއި، މާލީ ކުރިއެރުމާއި، ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދާ ކާމިޔާބީތަކަށް ބަލައި ދެވޭ އެވޯޑެކެވެ. ދިރާގުން ބުނި ގޮތުގައި މި އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާކޮށް، ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރަން އެ ކުންފުންޏަކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ބަލައިގަތުމެކެވެ.
އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ލިބުމަކީ، އެ ސިނާއަތުގައި ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ފެންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ލިބުނު ފަހުރެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، މި އެވޯޑުން ރަމްޒުކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ހޯދާ ކުރިއެރުންތަކާއި، ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރާއި، މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ.
އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ، "ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއެކު މިއަދު މިވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބާ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. އެހެންވެ، މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް" ކަމަށެވެ.