ޗައިނާގެ ޒިއަމެންގައި ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ "ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް" (ސީ.އައި.އެފް.އައި.ޓީ) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށާއި ކުންފުނިތަކަށް ހުޅުވާލައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ އެވުޒާރާއިން މިއަދު އިޢުލާނު ކުރައްވައިފިއެވެ.
މި މައުރަޒަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓް މައުރަޒެކެވެ. މިއަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 8 އިން 11 އަށެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ އެވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލާފައިވާކަން ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް އަންގާފައެވެ. އަދި ރާއްޖޭގެ ކުންފުނިތަކާއި ސިނާއީ ދާއިރާގެ ފަރާތްތަކުން މި މައުރަޒުގައި ބައިވެރިވުމަށް ފެއަރ އިންތިޒާމުކުރާ ފަރާތުން ދައުވަތު ދީފައިވާ ކަމަށްވެސް އެ އެވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ ޢަމަލީ ގޮތުން އިންވެސްޓްމަންޓްތައް ކުރިއަށްގެންދެވޭނެ ފަހި ޕްލެޓްފޯމެއް ހޯދައިދީ، އިންވެސްޓްމަންޓާއި އެކަމާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ މާހައުލެއް ބައިނަލްއަޤްވާމީ ފެންވަރުގައި ޤާއިމްކުރުމެވެ. މީގެ އިތުރުން، ވިޔަފާރިވެރިންގެ މެދުގައި ބާއްވާ ބީ2ބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނަރތަކުގެ އިތުރުން ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފެއަރގެ ރަސްމީ ވެބްސައިޓް www.chinafair.org.cn މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ އެވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، ބައިވެރިވާކަމުގެ މަޢުލޫމާތު އެ އެވުޒާރާގެ އީމެއިލް [email protected] އަށް ފޮނުއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މިފަދަ ބައިނަލްއަޤްވާމީ މައުރަޒުތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރު ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.