މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން އައު ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ، އިތުރު ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެމްޓީޑީސީއާ ރަސްމީކޮށް ރަށެއް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، މާލީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ އެމްޓީޑީސީގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް އަހަރު ކަމަށެވެ. އެގޮތުން ހުރިހާ ޚަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކުންފުންޏަށް ލިބިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ. މިހާރު އެމްޓީޑީސީއަށް މައިގަނޑު އާމްދަނީއެއް ލިބެނީ ގދ. އަތޮޅުގައި ހިންގާ އަޔާޑާ މޯލްޑިވްސް އާއި ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ރިސޯޓުންނެވެ. ނަމަވެސް، ކުންފުނި އިތުރަށް ކުރިއެރުވުމަށްޓަކައި އާމްދަނީ ހޯދޭނެ އިތުރު ވަސީލަތްތައް ހޯދުމަކީ މިހާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތު އެމްޓީޑީސީން ކުރިއަށްގެންދާ އެންމެ މުހިންމު ދެ މަޝްރޫޢަކީ އެކުންފުނީގެ އައު އޮފީސް އިމާރާތާއި ހދ. ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް. އޮފީސް އިމާރާތް ހުޅުވުމާއެކު އެމްޓީޑީސީއަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ،" ނިޔާޒު ވިދާޅުވިއެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ނަފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް އުފައްދާފައިވާ ކުންފުންޏަކަށްވާއިރު، މި އައު މަޝްރޫޢުތަކާއެކު ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.