އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިޔުމާއެކު، މިހާރަށްވުރެ މާ އަވަސް ޚިދުމަތެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒީނިޔާ ވިދާޅުވީ، މިހާރު އާސަންދައިގެ ޚިދުމަތްތައް ލަސްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ މެނުއަލްކޮށް ނުވަތަ އަތުން ކުރަންޖެހޭ މަސައްކަތްތައް ގިނަވުން ކަމަށެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ ގިނަ ވަގުތުތަކެއް ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފޯމު ގެންގުޅުން ނުވަތަ މެނުއަލް ރަޖިސްޓަރ ގެންގުޅުން އެއީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަވާކަމެއް. އެކަހަލަ މަސައްކަތް ހުންނާތީ ފުދޭވަރަކަށް ހަމަ ލަސްވެގެންދޭ މަސައްކަތްތައް. އަޅުގަނޑުމެންގެ ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމިގެންދާއިރު އުއްމީދަކީ ޚިދުމަތްތައް ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ،" ޒީނިޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޚިދުމަތްތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މީގެކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން ދެމުންދިޔަ އިޖުތިމާޢީ އެހީއާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.
މީގެ ކުރިން އާސަންދައިން މައިގަނޑު ގޮތެއްގައި ބޮޑެތި ބަލިތަކަށާއި ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އެންސްޕާއިން ކުރަމުންދިޔަ ބައެއް މަސައްކަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް އެ ކުންފުނިން ދެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށެވެ. އާސަންދައިން މި ގެންނަ ބަދަލަކީ އެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިއްމު މަސައްކަތެކެވެ.