އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަޤާމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއް ރަޙްމާން އިންތިޚާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު މި މަޤާމަށް އިންތިޚާބުވުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ޚަލީލުއް ރަޙްމާނަށް މި މުހިންމު މަޤާމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑރ. ޚަލީލުއް ރަޙްމާންގެ ރިޔާސަތުގެ ދަށުން އދގެ އާންމު މަޖިލީހުގެ މި ދައުރަކީ މެންބަރު ޤައުމުތަކަށް މުހިންމު މަންސައަކަށް ވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މުޅި ދެކުނު އޭޝިއާ ސަރަހައްދަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު މި މަޤާމަށް އިންތިޚާބުވުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، ޑރ. ޚަލީލުއް ރަޙްމާނަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި، އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ރޫޙާއެކު އދގެ އާންމު މަޖިލީހަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި އާންމު މަޖިލީހުގެ ތެރެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގައެވެ. މި ސެޝަންގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާ މެދު މެންބަރު ޤައުމުތަކުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.