މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްނަގައިގެން ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރު.އެފް.އެސް) މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ ބައްދަލުވުމުގައި، މަޝްރޫޢު ތަންފީޒު ކުރުމުގެ މަސައްކަތް ގޮސްފައިވާ މިންވަރާއި، މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ އަހުލުވެރިކުރުވުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން، މަޝްރޫޢުގެ ދަށުން ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާއި، ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ.
މި ބައްދަލުވުމުގައި ކަމާގުޅޭ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތު ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
"އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ކުރިމަތިވާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށާއި، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގޭ ބޮޑު މަޝްރޫޢެކެވެ.