މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ނިމިދިޔަ މެއި މަހު މަސްވެރިން ކިރުވި މަހަށް 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހު އެ ކުންފުންޏަށް ޖުމްލަ 693 ދޯންޏަކުން 1791 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 31,081,853 (ތިރީސް އެއް މިލިޔަން އަށްޑިހަ އެއްހާސް އަށްސަތޭކަ ފަންސާސް ތިން) ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހު މަސް ކިރުވި މިންވަރު ވަނީ އެޕްރީލް މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައެވެ. އެޕްރީލް މަހު 1068 ދޯންޏަކުން 4,414 ޓަނުގެ މަސް ކިރުވާފައިވާއިރު، މެއި މަހު މި އަދަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ މޫސުން ގޯސްވުމާއި ބަންދު ދުވަސްތަކެވެ. އެގޮތުން މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމާއި، މަހުގެ ފަހުކޮޅު ފިތުރު ޢީދު ބަންދާ ދިމާވުމުން މަހަށް ނިކުތް ދޯނިފަހަރުގެ އަދަދު ވަނީ މަދުވެފައެވެ.
މިފްކޯއިން އާންމުކުރި ތަފްސީލީ ހިސާބުތަކުގައި ކަޅުބިލަމަހާއި ކަންނެލި ކިރުވި މިންވަރު ވަނީ ހިމަނާފައެވެ:
ކަޅުބިލަމަސް:މި ބާވަތުގެ 1708.9 ޓަނުގެ މަސް 367 ދޯންޏަކުން ކިރުވާފައިވާއިރު، އެ މަހަށް 29,063,153 ރުފިޔާ ދޫކޮށްފައިވެއެވެ.
ކަންނެލި (10 ކިލޯއިން މަތި):މި ބާވަތުގެ 6.9 ޓަނުގެ މަސް 109 ދޯންޏަކުން ކިރުވާފައިވާއިރު، އެ މަހަށް 138,000 ރުފިޔާ ދޫކޮށްފައިވެއެވެ.
ކަންނެލި (15 ކިލޯއިން މަތި):މި ބާވަތުގެ 75.2 ޓަނުގެ މަސް 217 ދޯންޏަކުން ކިރުވާފައިވާއިރު، އެ މަހަށް 1,880,700 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިނާރަ ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. މިގޮތުން މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ބަރާބަރަށް ދޫކުރުމަށާއި މަސްވެރިކަމުގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.