ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ވައިގެ މަގުން އައި ފަސިންޖަރެއްގެ އަތުންނެވެ. އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.
މިފަދަ ތަކެތި ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި ކަސްޓަމްސްގެ އޮފިސަރުން ދަނީ ބޯޑަރުތަކުގައި ހުށިޔާރުކަމާއެކު މަސައްކަތް ކުރަމުންނެވެ.