މި މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތާ ދިމާކޮށް، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން "އެސްޓީއޯ ވޯލްޑް ކަޕް ފޯރި" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ފީފާ ވޯލްޑް ކަޕަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ މުބާރާތަކަށް ވުމާއެކު، ކޮންމެ މުބާރާތަކާ ދިމާކޮށް އެސްޓީއޯއިން އަންނަނީ ހާއްސަ ތައްޔާރީތަކެއް ވަމުންނެވެ.
މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ވިއްކާ އެކި ބްރޭންޑްތަކުގެ ޓީވީ އާއި ޕްރޮޖެކްޓަރުތަކުން 28 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ ތެރޭގައި ފިލިޕްސް އަދި އެލްޖީ ބްރޭންޑުގެ ޓީވީތަކުގެ އިތުރުން އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރުތައް ހިމެނެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮޑަކްޓްތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރިކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވޭ އެކަކަށް ދެ ބޭފުޅެއްގެ 5 ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބޭނެއެވެ. ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހޯލްސޭލް ކަސްޓަމަރުން 3،000 ރުފިޔާއިން މަތީގެ ކޮންމެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭއިރު، އެ ފަރާތްތަކުގެ ތެރެއިން ހޮވޭ ތިން ނަސީބުވެރިއަކަށް ހާއްސަ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.
ހޯލްސޭލް ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގައި އެއްވަނައަށް 30،000 ރުފިޔާގެ ޕްރޮޑަކްޓް، ދެވަނައަށް 20،000 ރުފިޔާގެ ޕްރޮޑަކްޓް އަދި ތިންވަނައަށް 10،000 ރުފިޔާގެ ޕްރޮޑަކްޓް ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ވޯލްޑް ކަޕާ ގުޅޭ އެކި ހަރަކާތްތައް މެދުވެރިކޮށް ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް އޮންނާނެއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ އާއިލާއާއެކު އެއް މާހައުލެއްގައި ހިތްހަމަޖެހިލައިގެން ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައިދިނުމެވެ. މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، ހުޅުމާލެ އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައެވެ.