އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމަށް މިހާރު ބޭނުންކުރަމުންދާ "ދިރިތި" ޕޯޓަލްގެ ޚިދުމަތް، މިމަހުގެ 7 ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އެއް ވިއުގަ "ވަން ގަވް" (OneGov) ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، މި ބަދަލާ ގުޅިގެން މާދަމާ މެންދުރުފަހު 14:00 އިން ފެށިގެން "ދިރިތި" ޕޯޓަލް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ. އަދި މި އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ޚިދުމަތަށް އެދި ހުށަހަޅަންޖެހޭނީ "ވަން ގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.
އެ އޮތޯރިޓީން އިތުރަށް ވިދާޅުވީ، ޚިދުމަތް މެދުކަނޑާލާފައިވާ މުއްދަތުގެ ތެރޭގައި މިހާރު "ދިރިތި" ޕޯޓަލްގައި ދަފްތަރުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިއީ ޚިދުމަތްތައް ލާމަރުކަޒީކޮށް، އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.
މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7603204 ނުވަތަ 3034221 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ.