މާލޭގެ ޓެކްސީ ޚިދުމަތަށް އިންގިލާބީ ބަދަލެއް: "މާލެ ޓެކްސީ" އެޕްލިކޭޝަން އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާލޭގެ ޓެކްސީ ޚިދުމަތަށް އިންގިލާބީ ބަދަލެއް: "މާލެ ޓެކްސީ" އެޕްލިކޭޝަން އިފްތިތާޙުކޮށްފި

މާލެ ސަރަޙައްދުގެ ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ގޮތުން ތައްޔާރުކުރި ޚާއްޞަ މޯބައިލް އެޕްލިކޭޝަން "މާލެ ޓެކްސީ" ރަސްމީކޮށް އިފްތިތާޙުކޮށް ބޭނުންކުރަން ފަށައިފިއެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ތަޢާރަފުކުރި މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތު އޮތީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ކުރިން މި ޚިދުމަތް ދެމުން އައީ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭ ގޮތަށެވެ. ނަމަވެސް، އާންމުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފަސޭހައިން ޚިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މިހާރު ވަނީ "މާލެ ޓެކްސީ"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ފަރުމާކޮށްފައެވެ.

މި އެޕްލިކޭޝަންގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ޓެކްސީއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުޞަތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި ޚިދުމަތާ ގުޅޭގޮތުން އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ދަތުރުތައް ކުރިއާލާ ތާވަލުކުރަން ބޭނުންވާ ފަރާތްތަކަށް، އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދޭނެއެވެ. މިއީ ޓެކްސީ ހޯދުމަށް އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ބަދަލެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިއަދު އޮންލައިން