"ދިރިތި" ޕޯޓަލް މެދުވެރިކޮށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް، އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އެއް ވިއުގަ "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.
މި ބަދަލާއެކު، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމަށް މިހާރު ބޭނުންކުރާ "ދިރިތި" ޕޯޓަލްގެ ޚިދުމަތްތައް، 3 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން މެދުކަނޑާލެވޭނެއެވެ. އަދި 7 ޖޫން 2026 އިން ފެށިގެން މި ޚިދުމަތަށް އެދި ހުށަހަޅަންޖެހޭނީ "ވަން ގަވް" (OneGov) ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ޚިދުމަތް މެދުކަނޑާލާ މުއްދަތުގެ ތެރޭގައި، މިހާރު "ދިރިތި" ޕޯޓަލްގައި ދަފްތަރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 ނުވަތަ 3034221 އަށް ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް، އެއް ވިއުގައަކުން ގުޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ވަން ގަވް" އަކީ ސަރުކާރުގެ ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.