މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހުގެ ފަހުކޮޅު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހުގެ ފަހުކޮޅު ފަށަނީ

މުލަކަތޮޅު (މ. އަތޮޅު) ގައި އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ނުވަތަ އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން، މ. އަތޮޅުގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) މެދުވެރިކޮށެވެ. މިއީ ރައްޔިތުންނަށް ފެންވަރު ރަނގަޅު، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފައެވެ. މި ޚިދުމަތުގެ ސަބަބުން އެ އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޚިދުމަތް ފުޅާކޮށް، މުޅި ރާއްޖެ ދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލުމެވެ. މ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށްވެސް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

މިއަދު އޮންލައިން