އަންދާޒާ ކުރިވަރަށް ވުރެ މިދިޔަ އަހަރުގެ ބަޖެޓު ޚަރަދު 5 ބިލިޔަން ރުފިޔާ ދަށްވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަންދާޒާ ކުރިވަރަށް ވުރެ މިދިޔަ އަހަރުގެ ބަޖެޓު ޚަރަދު 5 ބިލިޔަން ރުފިޔާ ދަށްވެއްޖެ

އަންދާޒާ ކުރިވަރަށް ވުރެ މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓު ޚަރަދު 5 ބިލިޔަން ރުފިޔާ ދަށްވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން އަލަށް ޝާއިއު ކުރި "ބަޖެޓު ނަތީޖާ ބަޔާން 2025" ގައެވެ.

މާލީ ވުޒާރާގެ ބަޔާނުގައިވާ ގޮތުން، 2024 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމްލަ ޚަރަދު ކުރެވިފައިވަނީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

ޚަރަދުތައް މިހާ ބޮޑަށް ކުޑަކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ހިނގަމުންދާ ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިސްރާފު ކުޑަކުރެވިފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޚަރަދުތައް ކުޑަވުމާ ގުޅިގެން ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައެވެ. މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާއިރު، ޑެފިސިޓް ވަނީ 3.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ޑެފިސިޓް މިހާ ދަށް މިންވަރަކަށް ގެނެވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން