ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، ރާއްޖޭގެ އުތުރުގެ ތިން އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ދައުލަތުގެ މީޑިއާއަށް ހިއްސާކުރުމަށް އިޔާސް ވިދާޅުވީ، ދެކުނު ކަނެކްޓިވިޓީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް ފަށާފައިވާކަން އިޔާސް ފާހަގަކުރެއްވިއެވެ. މި ދަތުރުތަކަށް ލިބެމުންދާ ތަރުހީބާއި ކާމިޔާބީއަށް ބިނާކޮށް، މިހާރު އަމާޒު ހިފާފައިވަނީ އުތުރުގެ އަތޮޅުތަކަށްވެސް މި ލުއިފަސޭހަކަން ފޯރުކޮށްދިނުމަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، އުތުރުގެ ތިން އަތޮޅު ވައިގެ މަގުން ގުޅާލުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ވަނީ ފަށާފައެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އަގުހެޔޮ އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.