ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 370 އެއްހާ އެނދު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 370 އެއްހާ އެނދު އިތުރުކޮށްފި

ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް 370 އެއްހާ އެނދު ޤާއިމުކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޖަލުތަކުގެ ޖާގަ އިތުރުކުރުމަކީ މިވަގުތު ކަރެކްޝަނަލް ސަރވިސްއިން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތެވެ.

ރާއްޖޭގައި ކުށްވެރިން އެކަހެރިކޮށް ބެހެއްޓުމަށް ތިން ޖަލެއް ބޭނުންކުރަމުންދާއިރު، އެ ތަންތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. މީގެ ކުރިން މާލޭގައި ހުރި ޖަލު ސްކޫލަކާ އިންވެގެން ހުރުމުގެ ސަބަބުން ސަރުކާރުން ވަނީ އެ ޖަލު ހުޅުމާލެއަށް ބަދަލުކޮށްފައެވެ. ނަމަވެސް، އެ ބަދަލާއެކުވެސް ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދާދިފަހުން ހުޅުމާލޭގައި ކުރިން ކޯވިޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ބިމުގައި ހުޅުމާލެ ޖަލުގެ އައު ޔުނިޓެއް ހުޅުވައި، ޖާގަ އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ޖަލުތަކުގެ ކެޕޭސިޓީ ޖުމްލަ 500 އެނދަށް އިތުރުކުރުން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. "ޖަލުތަކަށް ޖާގައިގެ ދަތިކަން ބޮޑުކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ" ކަމަށް ޒަރީރު ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ޖަލުތަކުގެ ހާލަތު ރަނގަޅުވެ، ކުށްވެރިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން