ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތްތަކެވެ. އެމްޓީސީސީން މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، މި ތިން ސެގްމަންޓުގައި ނަރުދަމާ ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. މީގެ ކުރިން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އެއީ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަޙައްދެވެ.
ނަރުދަމާގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަގުގެ ޕޭމަންޓު ހެދުމާއި ޔޫޓިލިޓީ ޚިދުމަތްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޭނުންވާ ހޮޅިތަކާއި ކޭބަލްތައް ވަޅުލުމުގެ އިތުރުން، މުވާސަލާތީ އެކި ޚިދުމަތްތަކާ ގުޅުންހުރި ކޭބަލްތައް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މި މަޝްރޫޢުގެ ތެރެއިން ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މި މަޝްރޫޢު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ލުއިފަސޭހަ، ޒަމާނީ ފެންވަރުގެ މަގަކަށް ވެގެންދާނެއެވެ.