ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލުތަކެއް އައިސް، އަގު އުފުލެމުންދިޔަ ނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއެކޭވެސް އެއްގޮތަށް ހެޔޮ އަގުގައި ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ ބާޒާރުގައި ފިޔާގެ އަގު އުފުލެމުންދާތީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތަކުން މިހާރުވެސް ވިއްކަމުންދާ އަގުގައި ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި މި ވަގުތު ފިޔާ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގައި ފިޔާގެ އެކަށީގެންވާ ސްޓޮކެއް އެބަހުއްޓެވެ. އަދި އިތުރަށް ފިޔާ ބޭނުންވާ ހާލަތްތަކުގައި، މީގެ ކުރިންވެސް މިފަދަ ތަކެތި އެތެރެކުރާ އުސޫލުން އިތުރު ޝިޕްމަންޓްތައް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަން ފާހަގަކުރައްވައި، އެސްޓީއޯއިން ވަނީ ބާޒާރުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް ރައްޔިތުންނަށް ދަތިނުވާނެހެން ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.