ދ. މީދޫގައި މަސްވެރިކަން ކުރާ ދޯނިފަހަރަށް އެސްޓީއޯގެ ޝެޑް ރޭޓުގައި ނުވަތަ ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މިއަދު ހަމަޖައްސައިފިއެވެ. މިއީ މަސްވެރިންނަށް ތެލުގެ ހަރަދު ކުޑަކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާދަމާއިން ފެށިގެން "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްދޯނިފަހަރަކަށް މީދޫއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ. މި ހިދުމަތަކީ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިދިޔަ މެއި މަހު ސަރުކާރުން ވަނީ މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައެވެ. މީދޫގައި ފެށި މި ހިދުމަތާއެކު، ރާއްޖޭގެ ޖުމްލަ 14 ރަށެއްގައި މިހާރު އެސްޓީއޯ ޝެޑް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ފަހިވެފައެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ހަމަޖައްސަން ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި އިންތިޒާމު މިހާރު ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލަކު ސިޓީ އަދި ސ. ހުޅުމީދޫ ހިމެނެއެވެ. މި ނިންމުމުގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެ، މަސްވެރިންނަށް ބޮޑު ނަފާއެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.