ބައިނަލްއަޤުވާމީ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މައިންބަފައިން ކުރައްވާ މަތިވެރި ޚިދުމަތާއި ޤުރުބާނީގެ އަގު ވަޒަންކުރައްވައި މެސެޖެއް ދެއްވައިފިއެވެ. މިއަދު ފާހަގަކުރަމުންދާ މި ދުވަހާ ގުޅިގެން އެކަމަނާ ވަނީ ދަރިން ބިނާކުރުމުގައި މައިންބަފައިން ބަހައްޓަވާ ލޯތްބާއި، ކެތްތެރިކަމާއި، އަދި އެކުދިންގެ މުސްތަޤުބަލަށްޓަކައި ވެވަޑައިގަންނަވާ ޤުރުބާނީތަކަށް ތަޢުރީފު ކުރައްވާފައެވެ.
މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި މައިންބަފައިންގެ މި އިޚްލާޞްތެރި މަސައްކަތަކީ ވަރުގަދަ ޢާއިލާތަކެއް ބިނާކުރުމުގެ ބިންގަލެވެ. އަދި އެއީ މުޅި މުޖުތަމަޢަކީ އޯގާތެރި ތަނަކަށް ހެދުމަށް އޮތް އެންމެ މުހިންމު އަސާސްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މި މެސެޖުގައި އެކަމަނާ ވަނީ މައިންބަފައިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް ބލި އަޅުއްވާލައްވާފައެވެ.
ދިވެހި މުޖުތަމަޢުގެ ތެރޭގައި ޢާއިލީ ގުޅުންތަކަށް ދެވޭ މަތިވެރި ޤަދަރަށް އަލިއަޅުއްވާލައްވަމުން، ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ޢާއިލީ ގުޅުންތަކަށް ވަރަށް ބޮޑު އިސްކަމެއްދޭ ބައެއް ކަމަށެވެ. އަދި މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، ކޮންމެ ކުއްޖަކީވެސް ލޯތްބާއި، ރައްކާތެރިކަމާއި، އަދި ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި، މައިންބަފައިން ކުރާ މަސައްކަތުގައި އެންމެން ގުޅިގެން އެހީތެރިވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. "މައިންބަފައިން ކުރާ މަސައްކަތުގައި އެންމެން ގުޅިގެން އެހީތެރިވުމަކީ ކޮންމެ ކުއްޖަކަށްވެސް އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައް،" އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤުވާމީ މައިންބަފައިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަރިން ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމެވެ. އަދި އެފަރާތްތަކަށް މުޖުތަމަޢުގެ އިޙްތިރާމާއި ލޯބި ހޯދައިދީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަހުގެ އެއް ބޭނުމެވެ.