ޑިޖިޓަލްކުރުމުގެ މަސައްކަތާއެކު ސަރުކާރުގެ އިދާރާތަކުގައި ވަކި ފަރުދުންގެ ނުފޫޒު ނިމުމަކަށް އަންނާނެ: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޑިޖިޓަލްކުރުމުގެ މަސައްކަތާއެކު ސަރުކާރުގެ އިދާރާތަކުގައި ވަކި ފަރުދުންގެ ނުފޫޒު ނިމުމަކަށް އަންނާނެ: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތާއެކު، ވަކިވަކި ފަރުދުންގެ ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު ހަނިވެ، އެކަން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޚިދުމަތްތައް ޑިޖިޓަލްވުމުން އިންސާނުންގެ ބައިވެރިވުން ނުވަތަ 'ހިއުމަން އިންޓަވެންޝަން' ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. މި ބަދަލުގެ އެންމެ ބޮޑު މަޤްޞަދަކީ ކަންކަން ނިންމުމުގައި ވަކި މީހެއްގެ އިޚުތިޔާރީ ބާރު ކުޑަކުރުން ކަމަށާއި، އޭގެ ސަބަބުން ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރުމުގެ ސަޤާފަތް ނެތިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވަނީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން ވަކި މީހެއްގެ ނުފޫޒުން ކަންކަން ނިންމުން ނިމުމަކަށް ގެނެސް، އެފަދަ ކަންކަމަށް އޮތް ހުރިހާ ދޮރުތަކެއް ބަންދުކުރުން. ޑިޖިޓަލް ދާއިރާއަށް އަޅުގަނޑުމެން އިސްކަންދޭ އެއް ސަބަބަކީ އެއީ،" ކަމަށެވެ.

މީގެ އިތުރުން، މި ބަދަލާއެކު އާސަންދަ ނިޒާމާއި ސަރުކާރުގެ އެހެނިހެން ޚިދުމަތްތައް ދިނުމުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ވަކި މީހަކަށް ގުޅައިގެން ނުވަތަ ނުފޫޒެއްގެ ތެރެއިން ޚިދުމަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓި، ހަމަހަމަކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލް ކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތުގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ކުޑަވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން