މާލޭގައި ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއް ތަރައްޤީކުރުމަށްޓަކައި، ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ.
މި ބަދަލާ ގުޅޭގޮތުން ސިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހިންގެ ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީޕީ (ޖެނެރަލް ޕްރެކްޓިޝަނަރ) އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ ދެވަނަ ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މިހާރު ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގަމުން އައި އިމާރާތުގައެވެ.
އެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި، މިއަދުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ލިބޭނީ މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުންނެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ހުޅުމާލެއިންވެސް މި ޚިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ހުޅުމާލެ ފޭސް 2 ގެ 16 ވަނަ ޓަވަރުގައި ހުންނަ ޖީޕީ ކްލިނިކް މެދުވެރިކޮށް ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް އާންމުންނަށް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންދަވަމުންނެވެ.