ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގައެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު އެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 30 ޓަނުގެ ބޯލާޑްސް ޖެހުމާއި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ޖުމްލަ 18.80 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބި، ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން