ފާފަކުރެވޭތީ ކަންބޮޑުވާން ފެށުމަކީވެސް ލައްވަވާ ރަޙްމަތެއް! ހުއްޓާލަން މަސައްކަތްކުރާ ވަރަކަށް ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފާފަކުރެވޭތީ ކަންބޮޑުވާން ފެށުމަކީވެސް ލައްވަވާ ރަޙްމަތެއް! ހުއްޓާލަން މަސައްކަތްކުރާ ވަރަކަށް ކާމިޔާބުވާނެ! އިން ޝާ ﷲ

ފާފަކުރުން ހުއްޓާލަން މަސައްކަތްކުރި ނަމަވެސް ފާފަކުރެވޭތީ މާޔޫސްވެ ތިމާއަކީ ގެއްލެނިވެގެންވާ މީހަކު ކަމަށް އަމިއްލައަށް ކަނޑައަޅާ ބައަކު ތިބެއެވެ. އެމީހުންނަށް ވިސްނެނީ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރިނަމަވެސް ކާމިޔާބުނުކުރެވެނީ ﷲ ތަޢާލާ ތިމާއަށް ލަޢްނަތް ލައްވަވާފައިވާތީ ކަމަށެވެ.  

އެފަދަ މީހުންނަށް ބުނެލަން އޮތީ ފާފަކުރެވޭތީ ދެރަވެ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ ލައްނަތް ލެއްވެވުމަކީ ވެދާނެ ކަމެއް ނޫނެވެ. އެހެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މުޅި ކައުނު ފުރޭވަރަށް ފާފަކުރެވިފައިވީނަމަވެސް ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ.  

ވިސްނާށެވެ! ތިބާކުރާ މަސައްކަތުން ފާފަކުރުން އެއްވެސް މިންވަރެއް މަދުކުރެވިއްޖެނަމަ އެއީ ކާމިޔާބީއެވެ. ފާފަކުރާ ދޭތެރެ ދުރުކުރެވިއްޖެނަމަ އެއީވެސް ކާމިޔާބީއެކެވެ. އަދި ކީއްހެއްޔެވެ؟ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރުމުގެ ވިސްނުން ދެއްވެވިކަން އެއީ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ ކަމުގެ ދަލީލެކެވެ.  

ވީމާ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރާއިރުވެސް ފާފަކުރެވޭތީ މާޔޫސް ނުވާށެވެ! ޝައިޠޯނާ ވާހައި ދުވަހަކު ފާފަކުރެވޭނެއެވެ. އަހުރެމެންނަށް އޮތީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމެވެ.  

މާޔޫސް ތިއަވެވެނީ ޝައިޠޯނާ ދޭ ވަސްވާސްތައް ޤަބޫލުކުރެވޭތީއެވެ. ފާފަ ކުރުވާފައި ޝައިޠޯނާ ވަސްވާސްދޭނެއެވެ. ފާފަކުރުން ހުއްޓާލަން އުޅުނަސް ތިއަ ފާފަކުރެވެނީ ނޫންހެއްޔެވެ؟ އެއީ ﷲ ތަޢާލާ ތިބާއަށް ލަޢްނަތް ލައްވަވައި ތިބާ ދޫކޮށްލައްވަވާފައިވާތީއެވެ. ފާފަކޮށް ހިތްހަމަޖެހުން ހޯދާށެވެ. 

އަދިވެސް ބުނާނެއެވެ. ފާފަކުރުން ހުއްޓައިނުލެވިގެން ތިއައުޅެނީ ކަލޭ އިޞްލާޙްވުމުގެ ވަޤުތު އަދި ނުޖެހޭތީއެވެ. ވަޤުތު ޖެހުމުން ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެތެވެ. އެއިރުން އިޞްލާޙްވެވޭނެއެވެ.  

މިހިރީ ހަމަ ޝައިޠޯނާގެ މަގަށް ލަންބުވަން ދޭ ވަސްވާސްތަކެވެ. ތައުބާވެ އިޞްލާޙްވާން ތިބާ ބޭނުންވުމުން އެއޮތީ އިޞްލާޙްވުމުގެ ވަޤުތު ޖެހިފައެވެ. އެކަމަށް މަސައްކަތްކުރަން ފަށާ ވަޤުތުން ފެށިގެން ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. ގިނަގިނައިން ތައުބާވުމަސްވުރެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއް ނެތެވެ. ވީމާ ކިތަންމެ ގިނަފަހަރަށް ތައުބާވާން ޖެހުނަސް  ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްނުވާށެވެ! ޔަޤީންކުރުމުގައި ޘާބިތުވެ ދެމިހުންނާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން