ޢާއިލާގެ އިސްމީހަކީ ފިރިމީހާކަމަށްވީތީ އަނބިމީހާގެ އަޑު ނުއަހާނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ދާނީ ހީނަރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޢާއިލާގެ އިސްމީހަކީ ފިރިމީހާކަމަށްވީތީ
އަނބިމީހާގެ އަޑު ނުއަހާނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ދާނީ
ހީނަރުވަމުން!

 

މިހާރަކަށް އައިސް ގިނަބައަކު އަޑުއަހަން ބޭނުންވަނީ ހަމައެކަނި އެމީހުންނަށް ޚުޝާމަދުކޮށް ތަޢްރީފްކުރާ މީހުންގެ ވާހަކަތަކެވެ. އެހެން ނޫންނަމަ ގިނައީ ކިތަންމެ މުހިންމު ވާހަކައެއް ދައްކަން އުޅުނަސް ފުރުޞަތުވެސް ނުދޭ މީހުންނެވެ. 

މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެކެވެ. ތިމާއަށް ތަޢްރީފްކޮށް ޚުޝާމަދު ނުކުރާ މީހުންގެ ވާހަކަތައްވެސް އަޑުއަހަންޖެހޭނެއެވެ. އަދި އެމީހާގެ ވާހަކަތައްވެސް އަޑުއަހައި ޖަވާބުދާރީވާންވެސް ޖެހޭނެ އެވެ. އެގޮތަށް އެކަންކުރުމުން ކުރާ ފައިދާ ބޮޑުވާނެތީއެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތަށް ބަލާށެވެ! ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެންނެވި ނަމަވެސް އެވާހަކައެއް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކެތްތެރިކަމާއިއެކު އަޑުއެއްސެވިއެވެ. ދައްކާނެ ވަރަކަށް ވާހަކަ ދައްކަން ފުރުޞަތުވެސް ދެއްވެވިއެވެ. އެމީހާގެ ވާހަކަ ނިމެންދެން އަޑު އައްސަވައި އެކަމަކަށް ދެއްވަން ފެނިވަޑައިގަންނަވާ ޖަވާބެއް ދެއްވެވި ކަމެވެ.  

މިކަމުގައި ޢުމަރުގެފާނު ވަނީ ވަރަށް ފުރިހަމައަށް ނަމޫނާ ދައްކަވައި އުންމަތަށް އެކަމުގައި ވަރަށް އަގުހުރި ފިލާވަޅެއް ދެއްވަވައިފައެވެ. އެއީ ޚުޠުބާ ވިދާޅުވާން މިންބަރަށް އަރާވަޑައިގެންނެވި ވަޤުތު ޞަޙާބީއަކު ސުވާލެއް ކުރުމުން ޚުޠުބާ ފަސްކުރައްވަވައި ވަގުތުން ޖަވާބުދާރީވެވަޑައިގަތީތީއެވެ. 

މިވާހަކަކޮޅު މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށާއި ތަނަވސް މީހުންނަށް އަމާޒުކޮށް ބުނި ނަމަވެސް ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. ބައިވެރިޔާ ދައްކާ ވާހަކަ އަޑުއަހަންޖެހޭނެއެވެ. އިސްމީހަކީ ފިރިމީހާކަމަށްވީތީ އަނބިމީހާގެ އަޑު ނުއަހާނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތަކެއް ނުއޮންނާނެއެވެ. ދާނީ ހީނަރުވަމުންނެވެ.  

މުނުކުތާ އަހުރެން ތަކުރާރުކޮށްލާނަމެވެ! އެއީ މުހިންމުކަން ބޮޑުކަމުންނެވެ. އަނބިމީހާ ބުނާގޮތަށް އެކަމެއް ކުރެވެން ނެތްނަމަވެސް އަނބިމީހާގެ އަޑުއަހާށެވެ! އަނބިމީހާ ބުނި ބަހުގަ ބުރަދަނެއް ނެތްކަމަށް ނުބުނާށެވެ! އެއިގެ ބަދަލުގައި ބުނާށެވެ! "ތިބާގެ ވިސްނުން ހަމަ ރަނގަޅެވެ. ނަމަވެސް މިފަހަރު މިގޮތަށް ކަންތައްކުރަން ކަނބުލޭގެވެސް ރުހޭށެވެ!" އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން