ނިމިދިޔަ ސަރުކާރުގެ ވެރިން ރާވާފައިއޮތީ ރާއްޖޭގެ އިޤްތިޞާދު އިނދަޖައްސާލަން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ށ. މިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ ކުރީ ސަރުކާރުގެ ރައީސާއި ފޮރިން މިނިސްޓަރު ވަނީ ބަޔަކާއި ގުޅިގެން ރާއްޖޭ ބަނގުރޫޓް ކޮށްލުމުގެ ޕްލޭނެއް ވެރިކަމުގައި ތިއްބެވިއިރު ރާވާފައިވާކަމަށެވެ. އަދި މިއަދު އެ ބޭފުޅުން ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަމުންދާ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް ގެއްލުންދިނުމަށް ރޭވި ޕްލޭން ކާމިޔާބުނުވުމުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އޭރުގެ ފޮރިންގ މިނިސްޓަރާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ހިސާބު ޖައްސަވާފަ އޮތީ ރާއްޖެ ބަނގުރޫޓު ކޮށްލަން ވަކި ދުވަސްވަރެއްގައި ވެރިކަން ނުލިބިއްޖެއްޔާ. ދެން ބަނގުރޫޓު ނުވީމަ އެކަމާ ކޯފާ ވެގެން އެކަމާއި ރުޅިއައިސްގެން ރެޖިސްޓަރ ނުކުރާ ނޫސްތަކާއި، ފާޑުފާޑުގެ ހޮޅީގައި ރާއްޖޭގެ ތަސައްވަރު ގޯސްކުރަން ވާހަކަ ދެއްކީމަ އަޅުގަނޑު ހިތަށް އަރާ ސަމުގާގެ ކަށި ކޮންކޮޅަކަށްބާއޭ ދެން އެނބުރޭނީ" ސައީދު ވިދާޅުވިއެވެ.