ކޮރަޕްޝަނާ ގުޅުން ހުރި އެއްވެސް އަމަލެއް ހިންގުމަށް އެއްވެސް ޖާގައެއް ނުދޭނަން: ޑރ.ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކޮރަޕްޝަނާ ގުޅުން ހުރި އެއްވެސް އަމަލެއް ހިންގުމަށް އެއްވެސް ޖާގައެއް ނުދޭނަން: ޑރ.ޝަހީމް

އިސްލާމިކް މިނިސްޓްރީން ކޮރަޕްޝަނާ ގުޅުން ހުރި އެއްވެސް އަމަލެއް ހިންގުމަށް އެއްވެސް ޖާގައެއް ނުދޭނެކަމަށް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިސްލާމިކް މިނިސްޓްރީން އާއި ދެމެދު ކޮރަޕްޝަން ވިޔަނުދިމަށްޓަކައި، ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން ޑރ.ޝަހީމް އަލީ ސަޢީދު ވަނީ ކޮރަޕްޝަން ހިންގުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ދީގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ އިދާރީ ކޮރަޕްޝަނާއި ފައިސާއާ ގުޅުން ހުރި ކަންތައްތަކާއި ނުފޫޒުގެ ބޭނުން ކުރުން ފަދަ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގުމުގެ ޖާގައެއް އެ ވުޒާރާއިން ނުދޭނެކަމަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އާންމު ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާ ވުޒާރާއެއްކަވަތީ އެ ވުޒާރާ ހިންގަވާނީ އަދުލުވެރިކަމާއި އިޙްސާންތެރިކަމާއެކުގައި ކަމަށެވެ.

"އޭގެ ތެރޭގައި ޙައްޖާ ގުޅުން ހުރި ކަންތައްތަކާއި ޢުމްރާއާ ގުޅޭ ކަންތައްތަކާއި ޒަކާތާ ގުޅޭ ކަންތައްތަކާ އަދި އެކި އެކި ފަންޑުތަކާ ގުޅޭ ކަންތައްތައް މިތަނުގައި ހިމެނޭ. މިއީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްގެ ގޮތުގައި ވަރަށް ގިނަ ފައިސާ މިތާ އެތެރޭގައި ބަލަހައްޓާ ތަނެއް. އެހެންވީމަ މިތަން ރަނގަޅުގޮތުގައި ދެމެހެއްޓުމާއި އިތުބާރު ހިފޭގޮތުގެ މަތިން މިތަނުގައި ކަންކަން ކުރިއަށް ގެންދިޔުމަކީ އެއީ މުހިއްމު ކަމެއް ދޭކަމެއް. މިކަންކަން ފުރިހަމަ ގޮތުގައި ގެންދިޔުމަށްޓަކައި އޭސީސީގެ ފުރހިމަ އެއްބާރުލުން ބޭނުންވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މިކަމާގުޅިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މިއީ އޭސީސީން ކުރާ މި މުހިއްމު މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި މިއީ ގަނޑެއްގައި ސޮއިކޮށްފައި ބޭއްވިފައި އޮތް އެއްޗެއްގެ ބަދަލުގައި މިކަން އެހެން ހަރުފަތަކަށްގޮސް އަހަރީ ޕްލޭނަކާއެކު މިކަންކަން ތަންފީޒްކުރުމަށް ތަންޒީމްވެގެން އަންނާނެތަން ދެކެން ބޭނުންވާކަމަށެވެ. 

މިއަދު އޮންލައިން