ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެލާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުޞަތު އޮތް ރަށެއްކަމަށެވެ. އެގޮތުން ކެލާގެ ފަޅުތެރޭގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ކެލާގެ އިތުރުން، މި ސަރަޙައްދުގެ ޒުވާނުންނަށްވެސް މިކަމުގެ ސަބަބުން ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެންކަމަށާއި ކެލާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާންބޭނުންވާކަމުގައެވެ.
ރާއްޖޭގައި އެކި ރަށްރަށުގައި ގެދޮރުވެރިކަން ޤާއިމުކުރުމަށް ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދޭނެ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިޤުތިޞާދީ ކަންކަމަށް ފަހިކުރުމަށްޓަކައި އަދި ކެލާ ތަރައްޤީވާނެ ގޮތަށް ގެދޮރުގެ ވަޞީލަތްތަކާ ފަތުރުވެރިކަން، ދަނޑުވެރިކަން ފަދަ ސިނާޢަތްތަކުން ފުރުޞަތުތައް ތަނަވަސްވާ ރަށަކަށް އެރަށް ހަދައިދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.