ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބަދަލުވެގެންދާނީ މިފްކޯއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވިގެން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބަދަލުވެގެންދާނީ ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވިގެންކަމަށާއި އެކަމަށްޓަކައި މިފްކޯ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
"ކުރިއަށް މިއޮތް 5 އަހަރު ނިމިގެންދާއިރު އަޅުގަނޑުމެން މިފްކޯއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާނަން. އެއީ ރާއްޖޭގައި އެންމެ ގިނައިން މަސްގަނެ މަސްބޭރުކުރާ ކުންފުނި، އެހެންކަމުން މިފްކޯ ރީސްޓްރަކްޗަރކޮށްނިމޭއިރު ބޭރުގެ އިންސްވެޓަރުން މަސްވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކުރާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފްކޯގެ މައްސަލަތައް ޙައްލުވެގެންދާއިރު ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ސިނާޢަތަކަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތް ވެގެންދާނެކަމަށެވެ.