ވަށަފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މި ދަތުރުފުޅުގެ ތެރެއިން ވަނީ ވަށަފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއްނެތި ސަރުކާރުން ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދެއްވާނެކަމަށާއި "ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހިންގައިދޭނަން. ރައްޔިތުން އެދޭގޮތަށް މި ޕްރޮޖެކްޓް ގެންގޮސްދޭނަން. އަދި ރަށުގައި މަޑުޖެހިފައި އޮތް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތްވެސް ވީހާވެސް އަވަހަށް ނިންމާ ޚިދުމަތް ލިބޭނެ ގޮތް ހަދައިދޭނަން." ކަމަށެވެ.
ރައީސް ވިދާޅުވީ، ކައުންސިލުންވެސް އަދި ރައްޔިތުންވެސް ފާހަގަކުރައްވާގޮތުގައި އެ ރަށަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ކަމަކީ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުންކަމަށެވެ. އަދި އެކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.