ދިއްދޫ އެއަރޕޯޓުގެ މަސައްކަތް ވަޢުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުތުރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްދޫ އެއަރޕޯޓުގެ މަސައްކަތް ވަޢުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާނީ ބިން ހިއްކުމުގެ އިތުރު މަޝްރޫޢަކާ އެކުކަމަށެވެ. ހަމައެހެންމެ، އެރަށުގެ މުސްތަޤުބަލަށް ގެދޮރުވެރިކަން ކުރިއަށްގެންދާނެކަމަށާއި އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދޭނެ އެއް މަޝްރޫއަށްވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާކަމަކަށް އިސްކަންދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް، ރާއްޖެ މިހާރު އޮތްގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ.