مُسْلِمْ އަޚުންނޭވެ! ބައެއް ވަގުތުތަކާއި ބައެއް ތަންތަން، އެހެން ވަގުތުތަކާއި ތަންތަނަށްވުރެ މާތް ކުރައްވާފައި ވެއެވެ. رَمَضَانމަސް މާތް ކުރައްވައި، ޤަދަރު އުފުލިގެންވާ ރެއެއް އެމަހުގައި ލެއްވިއެވެ. އެކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައި ވެއެވެ. ---- މާނައީ: "لَيْلَةُ اْلقَدْرِވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
مُسْلِمْ އަޚުންނޭވެ! މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَنމަހެވެ. މި މަސް، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަވެގެން ވެއެވެ. އޭގެތެރޭގައި އެމަހަކީ، رَمَضَانމަހަށް މަރްޙަބާ ކިޔަމުން އަންނަ މަހަށްވުން ހިމެނެއެވެ! شَـعْباَنމަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތަކެވެ. ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީއެވެ. رَمَضَانމަހަށް ތައްޔާރުވާ މަހެއްކަމުގައި އެމަސް ވާތީއެވެ. އެއީ، ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ވާތީއެވެ.
مُسْلِمْ އަޚުންނޭވެ! މާތް ނަބިއްޔާ zގެ މާތް ޢަމަލުފުޅުތަކުގެ މަތިން އަހަރެމެން ހަނދާން އާކޮށްލަމާތޯއެވެ! عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: لَـمْ يَكُنِ النَّبِيُّ z يَصُوْمُ شَهْرًا أَكْثَرَ مِنْ شَعْبَانَ، فَإِنَّهُ كَانَ يَصُوْمُ شَعْبَانَ كُلَّهُ، وَكَانَ يَقُوْلُ: (خُذُوْا مِنَ الْعَمَلِ مَا تُطِيْقُوْنَ فَإِنَّ اللهَ لَا يَـمَلُّ حَتَّى تَـمَلُّوا)[1] މާނައީ: أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. މާތް ނަބިއްޔާ z، شَعْبَانމަހަށްވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. ފަހެ، ހަމަކަށަވަރުން، އެމަހުގައި އެއްކޮށްވެސް އެކަލޭގެފާނު ރޯދަ ހިއްޕަވާކަމުގައި ވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާ ކަމުގައި ވެއެވެ. "ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާއެކު ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބޭހައި ހިނދަކު، މާތް الله ދަރުމަ ދެއްވުމުގައި ދެމިވޮޑިގެންވެއެވެ!" އެހެންކަމުން މާތް الله ގެ ދަރުމައާއި ޘަވާބަށް އެދި ހެޔޮޢަމަލުކުރުމުގައި ދެމިހުރުމަށް އަހުރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެތަކުންނަށް ވަޞިއްޔަތް ކުރަމެވެ.