ކިތަންމެ ރީތި ނަމަވެސް، ހިތް އެދުނަސް ތިބާ އެދޭގޮތަށް ކަންކަން ބަދަލުކުރަން ބޭނުންނުވާ މީހަކާ ކައިވެނި ނުކުރާށެވެ! ފައިސާ އޮއްސިޔަސް އޭނާ ބަދަލެއް ނުވާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކިތަންމެ ރީތި ނަމަވެސް، ހިތް އެދުނަސް ތިބާ އެދޭގޮތަށް ކަންކަން ބަދަލުކުރަން ބޭނުންނުވާ މީހަކާ ކައިވެނި ނުކުރާށެވެ! ފައިސާ އޮއްސިޔަސް އޭނާ ބަދަލެއް ނުވާނެ!

ގިނަ ބައަކު، އެމީހުން ރުހޭ ނުވަތަ ޤަބޫލުވާ ސިފަތައް ބޭރުފުށުން ފެންނަ ހުރި މީހަކު ފެނިއްޖެނަމަ އެމީހަކާއި ކައިވެނިކުރަން ބޭނުންވެއެވެ. އިތުރު އެއްވެސް ކަމަކަށް ބަލައިލުމެއް ނެތި ކައިވެނިވެސް ކުރެއެވެ. އެމީހުންގެ ވިސްނުމުގައި ހުންނަނީ އޭނާއަށް ހެޔޮކޮށް ކަންކަން ކުރުމުން ތިމާ ބޭނުންވާ ގޮތަށް އޭނާ ބަދަލުވާނެ ކަމަށެވެ. 

ނަމަވެސް މިއީ އެހައި ރަނގަޅު ވިސްނުމެއް ނޫނެވެ. ކިތަންމެ ހެޔޮކޮށް ކަންކަން ކުރިނަމަވެސް ކިތަންމެ ބޮޑަށް ލޯބިދިނަސް ބަދަލުވާނީ ބަދަލުވާން ބޭނުން މީހުންނެވެ. ޚާއްޞަކޮށް ބަދަލުކުރަންޖެހޭ ކަންތައްތަކެއް އެމީހެއްގެ ކިބައިގައި އެބަހުރިކަމަށް ޤަބޫލުކުރެވޭ މީހުންނެވެ. 

ގިނަ މީހުން ބުނާ ގޮތުގައި އަނެކާގެ ހިތް ފުރޭވަރަށް ފައިސާދެވޭނަމަ އޭނާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. މިއީވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ޚަރަދުކުރާނެ ވަރަކަށް ޚަރަދުކުރަން ފައިސާ ދެވޭނަމަ ރުހިގެން މަޑުން ހުރެދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އޭނާ ބަދަލުވުމެއް ނޫނެވެ. އެއިރުންވެސް އޭނާ ހުންނާނީ ހަމަ އޭނާގެ ގޮތުގައެވެ. 

އަނެކާގެ ކުރިމަތީގައި އޭނާ ނުރުހޭ ކަންކަން ނުކޮށްފާނެއެވެ. އަދި ރުހޭ ކަންކަން ކޮށްވެސްފާނެއެވެ. އެއީވެސް އޭނާ ބަދަލުވިކަމުގެ ހެއްކެއް ނޫނެވެ. މިކަން އެންމެ ފަސޭހައިން އެނގޭ ސަބަބަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން އަތަށްދެވޭ ފައިސާ މަދުވާއިރަށް އޭނާގެ ކިބައިން ފެންނަ ކަންކަމާއި ޢަމަލުކުރާ ގޮތް ބަދަލުވެގެންދާކަމެވެ. އެކަމުން އަންގައި އެދެނީ އޭނާ ހުރީ ބަދަލުނުވެ ކަމެވެ. 

އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ކައިވެނިކުރުމުގެ ކުރިން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ އަނެކާގެ ސިފަތަކާއި ބޭނުންވާ ކަންކަން ދެނެގަނެ ބަދަލުކުރަން ޖެހޭނެ ކަންކަން ބަދަލުކުރަން އެއްބަސްވޭތޯ ބެލުމެވެ. އެކަމަށް ވަރަށް ބޮޑަށް މަޝްވަރާކުރަންވާނެއެވެ. އެކަންކަމަށް މަޝްވަރާކުރުމުގައި ލަދުވެތިކަމެއް ނުބާއްވާށެވެ. ބާއްވައިފިނަމަ ކައިވެނި ފޭލްވުމުން އެކަމުން ލިބޭ ދެރައާއި ގަންނަން ޖެހޭ ލަދުވެސް މާބޮޑުވާނެއެވެ. 

ޙައްލަކީ ހަމަ އެންމެ ގޮތެކެވެ. އެއީ ތިމާ އެދޭގޮތަށް ބަދަލުވާން ނުރުހޭ، އެކަމަށް އިންކާރުކުރާ މީހަކާއި ކައިވެނި ނުކުރުމެވެ. އެނޫން އެއްވެސް ޙައްލެއް އެކަމަކަށް ނެތެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން