ބިޔަބޮޑު މަޝްރޫޢުތައް ހިނގަން ފެށުމުން ރާއްޖޭގައި ޑޮލަރު ތިޔާގިވެ، ޑޮލަރު ލިބޭލެއް އަވަސްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު' ޕްރޮގްރާމުގައި ޑޮލަރު ލިބުމުގައި ހުރި ދަތިކަން ހައްލު ކުރެވޭނެ ތާރީޚަކާ ގުޅޭގޮތުން ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޑޮލަރުގެ ތާށިކަމަށް ހައްލު ގެނެވޭނީ އިޤްތިޞާދީގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އިޤްތިޞާދު އިތުރަށް ފުޅާކުރަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ބިޔަބޮޑު މަޝްރޫޢުތައް ހިނގަން ފެށީމަ އަދި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމަ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގިވާނެ. އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސްވާނެ. ފަސޭހަވާނެ،" ރައީސް ވިދާޅުވިއެވެ.