ދަރިން ލިބުމަށްފަހު ދެން އެހެން ގޮތެއް ނެތިގެން ނޫނީ އަނބިން ލައްވައި ވަޒީފާ އަދާނުކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދަރިން ލިބުމަށްފަހު ދެން އެހެން ގޮތެއް ނެތިގެން ނޫނީ އަނބިން ލައްވައި ވަޒީފާ އަދާނުކުރުވާށެވެ!

ދުނިޔޭގެ 90 ވަރަކަށް ދަތުރުކޮށްފީމެވެ. ކޮންމެ ޤައުމަކުންވެސް އަންހެނުންނާއިވެސް ބައްދަލުކޮށް ވާހަކަދައްކަމެވެ. މިގޮތަށް ދެކެވުނު ވާހަކަތަކުން ދަރިން ލިބުމަށްފަހު ދަރިން ދޫކޮށްލައި ވަޒީފާއަދާކުރަން ލޯބިކުރާ ހަމަ އެންމެ އަންހެނަކާއިވެސް ބައްދަލުވެފައެއް ނެތެވެ. 

އެމީހުން ބޭނުންވަނީ ދަރިން ބަލަން ގޭގައި ތިބޭށެވެ. ނަމަވެސް ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވެ ޚަރަދުތައް ދެކޮޅުޖައްސަން އުނދަގޫވާތީ ނުވަތަ އެހެން ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ވަޒީފާ އަދާކުރަން މަޖުބޫރުވަނީއެވެ. 

މިހުރިހާ އަންހެނުން އެހެން ބުނި ނަމަވެސް އެކަމުން ލިބޭ ހިތްހަމަޖެހުން ހޯދުމަށްޓަކައި ވަޒީފާއަދާކުރާހިތްވާ ބައަކުވެސް ތިބެދާނެއެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އެއީ މައިންގެ ހިތުގައި އުފެދޭ ދަރިވަންތަ ކަމުގެ ކުލުނާއި ތަޢާރަޟްވާ ކަމެކެވެ. 

ޢާއިލާއަށް ޚަރަދުކުރާނެ ފައިސާ ހޯދުމަކީ ﷲ ތަޢާލާ ފިރިހެނުންނާއި ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. ނަމަވެސް ކަންކަން ބަދަލުވެ، ޙާލަތު ބަދަލުވެ އަންހެނުންނަށް މިއަދު މިވަނީ ޢާއިލާއަށް ޚަރަދުކުރާނެ ފައިސާ ހޯދުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަންވެސް ޖެހިފައެވެ. 

މިއީ ފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ ދަރިން ލިބުމުން ދަރިފުޅާއި މައިމީހާ ގިނައިރުތަކަކަށް ވަކިވާނެ ގޮތަށް ކަންކަން ނުކޮށްވޭތޯ މަސައްކަތްކުރާށެވެ. ވަޒީފާއަށް ތަނަކަށް ފޮނުވުމުގެ ބަދަލުގައި ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތެއް ކުރެވޭނެ މަގު އަނބިންނަށް ފަހިކޮށްދޭށެވެ. ދަރިންނަށް މައިންގެ ލޯބި އެންމެ ފުރިހަމަގޮތުގައި ލިބިލިބި ހުރުމަށްވުރެ މުހިންމު ކަމެއް ނެތެވެ. 

މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވާހަކަކޮޅެކެވެ. މުހިންމުކަން ބޮޑުކަމުން ހާމަކޮށްލީއެވެ. 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން