ލޯބީގެ އަވާގަ ނަމަވެސް އެއްވެސް ޝަރުޠަކާ ނުލައި ލޯބިވާކަމަށް ބުނުމަކީ ހެދޭ ބޮޑު ގޯހެއް! ކުރިއަށް ދިއުމުގެ ކުރިން މަޝްވަރާކުރަން ޖެހޭ ޝަރުޠުތަކެއް ހުންނާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލޯބީގެ އަވާގަ ނަމަވެސް އެއްވެސް ޝަރުޠަކާ ނުލައި ލޯބިވާކަމަށް ބުނުމަކީ ހެދޭ ބޮޑު ގޯހެއް! ކުރިއަށް ދިއުމުގެ ކުރިން މަޝްވަރާކުރަން ޖެހޭ ޝަރުޠުތަކެއް ހުންނާނެ!

ބައެއް މީހުން މީހަކު ދެކެ ލޯބިވާން އުޅޭއިރު ބުނާނީ ތިބާ ދެކެ ލޯބިވަނީ އެއްވެސް ޝަރުޠެއް ނެތި ކަމަށެވެ. ހަމަ ތިބާދެކެ ލޯބިވަނީ ކަމަށެވެ. ނަމަވެސް މިއީ މުޅިން ރަނގަޅުވާހަކައެއް ނޫނެވެ. ގިނަ ފަހަރު ވެފައި އޮންނަނީ ހަމައެކަނި ލޯބިވެރިޔާ ޙާޞިލްކުރުމަށްޓަކައި ބުނެލެވޭ ބަހަކަށެވެ. 

އެގޮތަށް ނުބުނާށެވެ! އަނެކާގެ ކިބައިން ތިބާ އެދޭ ކަންކަން ހާމަކުރާށެވެ! މީހަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އެމީހެއްގެ ކިބައިން ފުދެން ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން ނުފުދޭނަމަ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ދެމީހުންގެ ގުޅުން ކުރިއަކަށް ނުދާނެއެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ އެންމެ ރަނގަޅު ގޮތަކީ ލޯބީގައި ކުރިއަށް ދިއުމުގެ ކުރިން މިވާހަކަތައް ދައްކައި ނިންމުމެވެ. އެހެން މިބުނަނީ ލޯބިވެގެން އުޅުން ހުއްދަކުރާކަށް ނޫނެވެ. އަދި އެކަމަށް ހިތްވަރުދޭކަށްވެސް ނޫނެވެ. ނަމަވެސް މިޒަމާނުގައި ގިނައިން ކައިވެންޏާއި ހަމައަށް ދެވެނީ ދެފަރާތް ރުހި ޤަބޫލުވެ އަދި ލޯބިވެގެންވެސް ކަމަށްވާތީއެވެ. 

އަންހެނުންނާއި ފިރިހެނުން ބޭނުންވާ ކަންކަން ތަފާތުވާނެއެވެ. ވީމާ ދެމީހުންވެސް އެމީހަކު ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަންޖެހޭނެއެވެ. އަނގައިން ބުނެ ހާމަކުރަން އުނދަގޫނަމަ މެސެޖްކޮށްގެންވެސް އެކަންކަމުގެ ވާހަކަ ދައްކަންޖެހޭނެއެވެ. އެކަކު ބޭނުންވާ ކަންކަމަށް އަނެކާ ރުހޭކަން ނުވަތަ ނޫންކަން އެނގެން ޖެހޭނެއެވެ. 

ރުހޭނަމަ އެއޮތީ މައްސަލަ އެހިސާބުން ނިމިފައެވެ. ނުރުހޭ ކަންކަން ހުރިނަމަ އެކަންކަމަށް ނުރުހުނަސް، އެކަންކަން ތިމާއަށް ނުލިބުނަސް، ޙާޞިލްނުވިޔަސް ޝަކުވާނުކޮށް، ރުހިގެން އެކުގައި އުޅެވިދާނެކަމާއިމެދު ކުރިއާލައި ގޮތް ނިންމަންވާނެއެވެ. 

މިބުނި މަގުން އެމީހަކު ބޭނުންވާ ކަންކަން އަނެކާއަށް ހުށަނާޅައި، މަޝްވަރާނުކޮށް ކައިވެނިކޮށްފިނަމަ މައްސަލަ ޖެހުން ގާތްވާނެއެވެ. ކައިވެނީގެ ކުރިންނަމަ އެކަހެރިކޮށް ބައްދަލުނުކޮށް އިތުބާރުކުރެވޭ މީހަކު ނުވަތަ ޢާއިލާގެ މީހަކު ބައިންދައިގެން މަޝްވަރާކުރާށެވެ. އެއިރުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ ފަހުން ޚިޔާލުތަފާތުވިނަމަވެސް މެދުވެރިވެ ހެކިބަސްދޭނެ މީހަކު ހުންނާނެ ކަމެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން