ރާއްޖެއަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފައިދާ ލިބުން އަވަސް ޤައުމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެންވިދާޅުވީ ޔޫއޭއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖެއަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ތަނެއްކަން ރެކޯޑްތަކުން ހާމަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުން އަވަހަށް ފައިދާ ލިބޭ ޤައުމެއްކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓްމަންޓްތަކުން ކުރާ ހޭދާ އަނބުރާ ލިބުން އެހެން މަންޒިލްތަކަށްވުރެ އަވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓް ފޯރަމްގައި ތިބި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގިނަ އިންވެސްޓަރުންވެސް އެކަމަށް އެއްބަސްވާނެކަމަށް ސައީދު ވިދާޅުވިއެވެ
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބާއްވާ 2 ވަނަ އިންވެސްޓްމަންޓް ފޯރަމްއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، މި ފޯރަމްގައި 190 ކުންފުންޏަކުން ބައިވެރިވާކަމަށާއި މީގެތެރޭގައި މިހާރު ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި އަދި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތައްވެސް ހިމެނޭކަމަށެވެ. އަދި އެކަމުން ހާމަވެގެންދަނީ އިންވެސްޓަރުންގެ ޔަޤީންކަމާއި އިތުބާރު ރާއްޖެއަށް އޮތް މިންވަރުކަންވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.