ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެންވިދާޅުވީ ދުބާއީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކުރުންކަމަށާއި އެ ފަންޑަކީ ރާއްޖޭގެ ދަރަނި އަދާކުރުމަށް ފައިސާ ޖަމާކުރަމުންދިޔަ ފަންޑެއްގެ ގޮތުގައި ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑު އިޝޫއަކަށް މިއުޅެނީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ކުރިން ޖަމާކުރަން ފެށި ފައިސާތަކެއް ކުރިން ނިމިދިޔަ ސަރުކާރުން ހުސްކޮށްލުން. އޭގަހުރި ފައިސާވެސް ވަނީ ނަގާފަ. އެއީ އަޅުގަނޑުމެން ޑެޓް ރީޕޭމަންޓަށް ކަލެކްޓް ކުރަމުންދިޔަ ޑިޕޮސިޓުތަކެއް. އެހުސްކޮށްފަ ހުރީ. ޑެޓެއް ކްރިއޭޓު މިކުރީ ވަރަށް ބޮޑަށް އެއަރޕޯޓުވެސް ނުނިންމާ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ "މިހާރު މިއުޅޭ އިޝޫއަކީ ބްލެކް މާކެޓެއް އޮވެފަ، ބްލެކް މާކެޓަށް ޑެލިބެރޭޓުލީ ވިޔަފާރިތަކެއް ޑައިވަމުންދާ މައްސަލަ. އެހެންވީމަ އެކަން އޯވާކާމްކޮށް އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގަ ޑޮލަރު މައްސަލަ ހައްލުކުރާނަން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ." ކަމަށެވެ.