އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުން ފަޅުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނުވަތަ ވާތައް ނަގަން އަންގާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ. މަޑިފުށީ، ތަރިވިދާގޭ، އަޙްމަދު އިބްރާހީމް، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދޯނިތަކަށް ފަޅުތެރެއިން އެހެން ތަނެއް ހަމަނުޖައްސާ، ދޭތެރެ ދޭތެރެއިން ފަޅުން ނުކުންނަށް ޖެހި ދާނެ ގޮތް ވިޔަނުދޭނެކަމަށެވެ. އަދި މާލެ ސިޓި ކައުންސިލާ ވާހަކަދައްކައިގެން ކަންބޮޑުވުން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުން ފަޅުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންތަނަކަށް ބަދަލުވާކަމުގައި ވަނީނަމަ އެނގިގެން އެކަން ހިނގާނީ. މަޝްވަރާކޮށްގެން އެކަން ކުރާނީ. ކުއްލިއަކަށް ކަމެއް ނިންމާފަ ބަދަލުވާގޮތެއް ނުހަދާނެ." ރައީސް ވިދާޅުވިއެވެ.