ސެލޫނާއި ސްޕާ ހިމެނޭހެން މާލޭގައި ހަށިވިއްކާ 111 ތަން އެބަހުރި ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަ އިހުސާން ވިދާޅުވީ މާލޭގައި ހިންގާ ގިނަ ސެލޫންތަކާއި ސްޕާތަކުގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަށިވިއްކުމަށް މީހުން ގެންނަނީ ޓޫރިސްޓް ވިސާގައި ކަމަށާއި އެފަދަ ތަންތަނުން ހައްޔަރު ކުރާ މީހުން ވަގުތުން ޑީޕޯޓް ކުރުމަކީ މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތުކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާވެސް ގުޅިފައިވާ ކަމަށާއި އެފަދަ ފަރާތްތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ބައެއް މީހުން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
ސެލޫނާއި ސްޕާތަކުގައި މަސާޖުކުރުމުގެ ނަމުގައި ހަށިވިއްކާ މައްސަލަ މީގެކުރިން ވެސް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ.