ޤައުމީ ބޭސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޤައުމީ ބޭސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކޮށްފި

ޤައުމީ ބޭސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކޮށްފިއެވެ.

އެގޮތުން މި ސިޔާސަތަކީ 2018 އިން 2023 އަށް ތަންފީޒްކުރަމުން ދިޔަ ސިޔާސަތު މުރާޖައާ ކުރުމަށްފަހު އެކުލަވާލާފައިވާ އައު ޤައުމީ ސިޔާސަތެކެވެ.

ހަމަ އެހެންމެ މި ޕޮލިސީއާއެކު ބޭހުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޞިއްޙީ ވުޒާރާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ  ވެގެންދާނެއެވެ

ހެލްތު މިނިސްޓްރީން ބުނީ މި ސިޔާސަތު މުރާޖައާ ކުރިއިރު މިހާރުގެ ހާލަތައް ފެތޭތޯ ބަލައި ބަދަލު ގެންނަންޖެހޭ ކަންކަން ދެނެގަތުމަށްފަހު ތަންފީޒް ކުރުން ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

މި ސިޔާސަތު މުރާޖައާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ ނެޝަނަލް މެޑިސިން ޕޮލިސީއާއެކު ރަނގަޅު ކޮލިޓީގެ ބޭސް ރާއްޖެއަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރާއްޖެއިން ކޮލިޓީ ރަނގަޅު ބޭސް ނުލިބުމުގެ ޝަކުވާ ބަލިމީހުން އަބަދުވެސް ކުރާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި ސިޔާސަތާއެކު ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުވާނެ ކަމަށެވެ.

މި ސިޔާސަތާއެކު ބޭސް އެތެރެކުރަން ހުށައަޅަން ޖެހޭނީ 2 ޑޮކިއުމަންޓަކާއި ބޭހުގެ ސާމްޕަލްއެވެ. އަދި މި ސިޔާސަތާއެކު ޑޮކިއުމަންޓްތައް ރިވިއުކުރުމަށް ގިނަވެގެންވެސް ހޭދަވާނީ 10 ނުވަތަ 15 ދުވަސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕޮލިސީގައި ބޭސް ރަޖިސްޓްރީ ކުރުމުގައި ލުއި ފަސޭހަތައް ދިނުމާއި ގަނޑުކޮށް ބޭސް އިމްޕޯރޓް ކުރެވޭނެގޮތް ހިމަނާފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ރާއްޖެފަދަ ވަސީލަތްމަދު ޤައުމެއްގައި ބޭހުގެ ފެންވަރާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި އެކި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި އަމަލުކުރާނެ ގޮތް ވެސް މި ޕޮލިސީގައި ވަނީ ބަޔާންކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މިއަދު އޮންލައިން