ޤައުމު ކުޑަޔަސް، އާބާދީމަދަސް ﷲ ޙައްޤަށް ނަޞްރު ދެއްވަވާނެ! ޢަލީރާޖާގެ ކިބައިން ރާއްޖޭގެ ރަށްތައް މިނިވްނަކުރެވުނު! ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދާނަން! ރައީސް ޑރ. މުޢިއްޒު

ކިޔުމަށް ހޭދަވާނީ 11މ 7ސ
ޤައުމު ކުޑަޔަސް، އާބާދީމަދަސް ﷲ ޙައްޤަށް ނަޞްރު ދެއްވަވާނެ! ޢަލީރާޖާގެ ކިބައިން ރާއްޖޭގެ ރަށްތައް މިނިވްނަކުރެވުނު! ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދާނަން! ރައީސް ޑރ. މުޢިއްޒު

ޝަހީދުންގެ ދުވަހާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމާއި މުޚާޠަބްކުރައްވަވައި މިއަދު ދެއްވެވި ޚިޠާބަކީ ތެދުވެރި ކޮންމެ ދިވެހިދަރިއަކުވެސް ފަޚުރުވެރިވާނޭ ޚިޠާބެކެވެ. ބަޔާންކޮށްދެއްވާފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހީންގެ ބަޔަކު ރާއްޖޭގެ ބިންތަކާއި ކަނޑުގެ މުއްސަނދިކަން ވިއްކައިލި ކަމާއި ދިވަހިންގެ ހިތްވަރުން އެކަންކަން އަނބުރާ ހޯދިކަމެވެ.  

މުޅި ޚިޠާބުންވެސް އެނގިގެންދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރައްވަން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމެވެ. ވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ޤުރްބާނީއަކަށްވެސް ހުންނެވީ ތައްޔާރަށް ކަމެވެ.  

ހަމައެއާއެކު އެމަނިކުފާނުގެ ޚާއްޞަ އިލްތިމާސެއްވެސް ވެއެވެ. އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ މިއީ. ޤައުމަށް ތެދުވެރިވާށޭ! ދީނަށް ޙުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!"

އެންމެ އަގުބޮޑު ފިލާވަޅު:

ޙަޤީޤަތުގައި ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން. އަޅުގަނޑުމެންގެ ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން، ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި، އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން.  

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން، ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ މިއީ. ޤައުމަށް ތެދުވެރިވާށޭ! ދީނަށް ޙުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!"   

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ޚިޠާބު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ لِلّـهِ رَبِّ الْعاَلَمِينْ، وَالصَّلاَةُ وَالسَّلَامُ عَلى رَسُوْلِ اللهِ وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْن. 

މިއަދަކީ، މި އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަސް. މީގެ 480 އަހަރު ކުރިން ދިވެހީންނާ ބައްދަލުކުރި ޝަޢުބާން މަހުގެ 1 ވަނަ ދުވަސް، މި ދުވަހާ ވަރަށް ތަފާތު. އެއީ، ވަރަށް ބިރުވެރި ނާމާން ދުވަހެއް. އެ ދުވަހަކީ ދިވެހިރާއްޖެއާއި ދިވެހީންނާއި ދިވެހީންގެ ދީނާއި މިނިވަންކަމުގެ ދިފާޢުގައި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި، އައްސުލްޠާނު ޢަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ޢަލީ ރަސްގެފާނު ޝަހީދުވި ދުވަސް. އޭގެ އަހަރުތަކެއް ފަހުން ހިޖުރީ ގޮތުން 1400 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ނަމުގައި، ދިވެހި ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރައްވަން ފެށްޓެވި. މި އަހަރު މި ފާހަގަކުރަނީ، މި ތާރީޚުން ބަލާނަމަ، 46 ވަނަ ޝަހީދުންގެ ދުވަސް. ހާދިސާ ހިނގި ތާރީޚަށް ބަލާނަމަ، 480 ވަނަ ޝަހީދުންގެ ދުވަސް. އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު، ދުވަހުގެ ހެޔޮއެދުންތައް، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަން. 

ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ މުހިންމު ޤައުމީ އެތައް ފިލާވަޅުތަކަކާއެކު. އެ ފިލާވަޅުތައް ދޭހަކޮށް ޢިބުރަތް ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ބަލައިލަންޖެހޭ.

ޝައްކެއް ނެތް. ދިވެހީން އިސްލާމީ ހިދާޔަތުގެ ހިޔަލަށް ގެންދެވުމުގައި، އެންމެ ތަނަވަސް ދައުރެއް އަދާކުރެއްވީ ދަރުމަވަންތަ ރަސްގެފާނު. މީލާދުން 1166 ވަނަ އަހަރު އެ ރަދުން ފުރައުއްތަވެ، އޭގެ ފަހުން ގާތްގަނޑަކަށް 300 އަހަރު ވީއިރުވެސް، ދިވެހިރާއްޖެ އޮތީ އަމާންކޮށް. ނަމަވެސް، ހިލާލީ ދަރިކޮޅުގެ ތެރޭގައި އޮތް ވެރިކަމުގެ ވާދަ ބޮޑުވެ، ދާޚިލީ ހަމަނުޖެހުންތައް ނެތެކޭ ނުދެންނެވޭނެ. އެންމެފަހުން، އެ ދަރިކޮޅުގެ މަޝްހޫރު ކަޅު މުޙައްމަދު ރަސްގެފާނާ ހިސާބުން މިކަން ރާއްޖޭގެ އިން ފަހަނައަޅައި ގޮސް، އުތުރު ކަރައިގެ ކަންނައްނޫރު ޢަލީރާޖާއާ ހަމައަށް ދިޔަ. ތިން ފަހަރެއްގެ މަތިން ޢަލީރާޖާގެ އެހީގައި، ރާއްޖޭގެ ރަސްކަން އޭނާ ހޯއްދެވި. 30 އަހަރު ރާއްޖޭގެ ރަސްކަން އޭނާ ކުރެއްވި. 

ޢަލީރާޖާގެ އެހީތެރިކަން ހޯއްދެވުމުގައި، ކަޅުމުޙައްމަދު ރަސްގެފާނު ޤައުމަށް ޚިޔާނާތްތެރިވެވަޑައިގަތީ ވަރަށް ބޮޑަށް. އޭގެ ތެރޭގައި، އޭރު ދިވެހީން ކުރަމުން ގެންދިޔަ ކަނޑުމަހާއި، ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވި. އަނެއް ފަހަރެއްގައި، ރާއްޖޭގެ ރަސްކަން ހޯއްދަވަން ޢަލީރާޖާއާއެކު ހެއްދެވި މުޢާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހާ މާވަހަރާއި، ދިވެހިރާއްޖެއަށް ލިބޭހާ ރަނާއި ބޮއްޔާއި، އުފައްދާހާ ރޯނުގެ ދެބައިކުޅަ އެއްބައި ޢަލީރާޖާއަށް ދޭގޮތަށް ނިންމެވި. އޭގެ އިތުރަށް، ރ. ކިނޮޅަހާއި، ނ. ކެނދިކުޅުދޫ ޢަލީރާޖާއަށް ދޫކޮށްލެއްވި. 

ޝަހީދުންގެ ދުވަހެއް ރާއްޖެ ދުށީ، މި ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ޙަސަން ރަސްގެފާނު ޕޯޗުގީޒުންނާ އުފެއްދި ގުޅުމެއްގެ ތެރެއިން. ދިވެހި މުސްކުޅީން ބުނަނީ، އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ ކަމަށް. ތާރީޚުން އެނގޭ ގޮތުން، ޙަސަން ރަސްގެފާނާ ޕޯޗުގީޒުންނާ ދެމެދު އޮތް ގުޅުން ފެށިފައި ވަނީ، ކަޅު މުޙައްމަދު ރަސްގެފާނާ ހަމައިން. އެހެންވީމާ، ޝަހީދުންގެ ދުވަހަށް އަލިވިލޭއިރު، އޭގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ޚިޔާނާތްތަކެއް. އަމިއްލަ އެދުމާއި، ވެރިކަމުގެ ބޭނުމުގައި ޤައުމު ހަލާކުގެ ތެރެއަށް އެއްލައިލުން. ދިވެހީންގެ މުދަލާއި، މިނިވަންކަމާއި، ދީން ޤުރުބާންކޮށްލުން. ކުޑަވެސް ރަޙުމެއް، އަގަލެއް ކުލުނެއް، މި ޤައުމާ މެދު ނެތުން. ހެޔޮ އިޚްލާޞްތެރި ނިޔަތެއް، މި ލޮބުވެތި ދިވެހި ފަސްގަނޑާ މެދު ނެތުން. 

ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، 9 ވަނަ ޙަސަން ރަސްގެފާނާ ޕޯޗުގީޒުންނާ އުފެދުނު ގުޅުމުގެ ތެރެއިން އޭނާ އިސްލާމްދީން ދޫކޮށްލެއްވި. އިންޑިޔާގެ ކޮއްޗޭއަށް ވަޑައިގެން އަދި ފަހުން ގޯވާއަށް ސީދާ ޕޯޗުގީޒުންގެ ދަރުބާރަށް ވަޑައިގެން. ރާއްޖެއިން ލިބޭ މާވަހަރާއި، ރޯނާއި ބޮއްޔަކީ، އެ ޒަމާނަށް ވަރަށް އަގުހުރި ތަކެތި. އޭގެ އިތުރަށް، ރާއްޖެ އޮންނަ ތަނަކީ ވަރަށް މުހިންމު އޮޅިއެއް. އެކަން ވަސްކޮޑަގާމާ އޭނާގެ ޑައިރީގައި ވެސް ފާހަގަކޮށްފައިވޭ. މި ހުރިހާ ސަބަބުތަކަށްޓަކައި ޒުވާން 9 ވަނަ ޙަސަން ރަސްގެފާނުގެ އެދިވަޑައިގަތުމަށް ޕޯޗުގީޒުން ރާއްޖެއަށް މިސްރާބު ޖެހި. 

އެ މީހުންނަށް ކާމިޔާބު ލިބި، ޢަލީ ރަސްގެފާނު ޝަހީދުކޮށްލީ، މީލާދުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު. ހިޖުރީ ގޮތުން އެއީ، 1 ޝަޢުބާން 965.

މުޅި ހަނގުރާމައާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ޤައުމަށް ޚިޔާނާތްތެރިވުން. ހަމައެއާއެކު، މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެ މީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކޮށްފި. ނަމަވެސް، އޭނާއަށް އޭނާ އެދޭ ބާރެއް، ރަސްކަމެއް ހޯދައެއްނުދިން. ޙަސަން ރަސްގެފާނު އެ މީހުންނަށްޓަކައި ދީން ވެސް ދޫކޮށްލެއްވި. ނަމަވެސް، ނަޞާރާއެއްގެ ގޮތުގައި ހުންނަވައި، އެންމެފަހުން އިންޑިޔާގައި އަވަހާރަވީ. އޭނާއަށް މާލެ ވަޑައިގެންނެވޭނެ ގޮތް ވެސް ޕޯޗުގީޒުން ހަމަޖައްސައެއް ނުދިން. 

މިއަދު އަޅުގަނޑުމެން ބަލައިލަންޖެހޭ އަނެއް ޙަޤީޤަތްތަކަކީ، ޢަލީ ރަސްގެފާނުގެ އީމާނުގެ މަތިވެރިކަން. އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަން. ހިތްވަރުފުޅު ގަދަކަން. ދައުލަތަށް ހުރި ވަފާތެރިކަން. އަދި ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި އޮތް ކުލުނާއި އިޚްލާޞްތެރިކަން.

މި ހަނގުރާމައަށް ޢަލީ ރަސްގެފާނާއި ލަޝްކަރު ފުރިހަމައަށް ތައްޔާރުވި. މާލޭގެ ބުރުޒުތަކަށް ބަޑިބޭހާއި ހަތިޔާރު ލެއްވި. ބަޑިބޭސް ތައްޔާރުކުރަނީ ވެސް ދިވެހިން. ޕޯޗުގީޒުން ފުރަތަމަ ހަމަލާތައް ދެމުން ގެންދިޔައީ، މާލޭގެ ބޭރުގައި ތިބެގެން. އެ މީހުންނާ ދިމާޔަށް މި ކޮޅުން ވެސް ބަޑި ޖަހަމުން ރައްދުދެމުން ގެންދިޔަ. ތާރީޚުން އެނގޭ ގޮތުގައި، ހަނގުރާމަ ދިގުލައި ދިޔަ މުއްދަތުގައި، ޕޯޗުގީޒުން ވެސް އެ މީހުންނަށް މިފަހަރު މާލެ ނޭރުނު ކަމަށް ނިންމި. ކާބޯތަކެއްޗާއި، އެހެނިހެން ވަސީލަތްތައް ވެސް މަދުވަމުންދާތީ ޚިޔާލުތަފާތުވުންތައް އުފެދުނު. މާލޭގައި ވެސް އާންމުންގެތެރޭގައި ފިތުނަވެރި ބައެއް ވާހަކަތައް، ބައެއް މީހުން ފެތުރި. މި ފިތުނައިގެ ތެރެއިން ދިވެހީން ގަދަވެފައި ވަނިކޮށް، ކޮންމެވެސް މީހަކު ދެއްކި ވާހަކައެއް ފޭދިގެން ގޮސް އަމާން ދިން. 

އެ ހިސާބުން ޕޯޗުގީޒުން މާލެއަށް އެރި. އެ ވަރުން ވެސް ޢަލީ ރަސްގެފާނުގެ ހިތްވަރުފުޅަކަށް، ޢަޒުމަކަށް، އީމާނަކަށް ބަދަލެއްނައި. ގާތްގަނޑަކަށް ގިނިކަންޏާ ކަހަލަ ގޮތަކަށް އެންމެ ދެތިން މީހުންނާއެކު މައިދާނަށް ނުކުމެވަޑައިގެން، ޢަދުއްވުންނާ ކުރިމަތިލައްވައި ޝަހީދުވި. އަމިއްލަ ފުރާނަފުޅަށްވުރެވެސް އިސްކުރެއްވީ ދީން. ޤައުމަށް ތެދުވެރިވުން. ދައުލަތަށް ވަފާތެރިވުން. ރައްޔިތުން ސަލާމަތްކުރެއްވުން. އެ ރަދުން އެ ދުވަހު ކުރެއްވި ހިތްވަރުފުޅަށް ތާރީފުކުރައްވައި، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ވިދާޅުވަނީ.. 

ވީކަމަކު އެ ދުވަހު އެ ތާނގައި ރަސްގެފާނު ޢަލީ ޝަހީދު
       ކީ އެ ހިނދުގައި ދުޝްމަނުން ވެސް ސާބަހޭ ހަމަ ސާބަހޭ 

ކޮންފަދަ މަތިވެރި ނަމޫނާއެއްތޯ؟ ކޮންފަދަ ހަރުދަނާ ޝަޚުޞިއްޔަތެއްތޯ؟ ކޮންފަދަ ފުން ޤައުމީ ލޯތްބެއްތޯ؟ ދިވެހިރާއްޖޭގެ އަގުހުރި ރަސްރަސްކަލުން އަދުގެ ޖީލަށް ދެއްކެވީ މި ނަމޫނާ. ދެއްވީ މި ފިލާވަޅު. 

ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުޚާޠަބުކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. ޢަލީ ރަސްގެފާނުގެ ޖިހާދު، މީޑިޔާއާ އެބަ މުޚާޠަބުކުރޭ. ޚަބަރު ފަތުރާއިރު، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ޚަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. ޢަލީ ރަސްގެފާނުގެ ޖިހާދު، ދިވެހި ޒުވާނުންނާ އެބަ މުޚާޠަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. 

ޙަޤީޤަތުގައި ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން. އަޅުގަނޑުމެންގެ ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން، ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި، އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން، ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ މިއީ. ޤައުމަށް ތެދުވެރިވާށޭ! ދީނަށް ޙުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ! 

އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންގެ ކިބައިގައި މި ސިފަތައް ހަރުލައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! 

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

 

މިއަދު އޮންލައިން