ކޮޅުމަޑުލުގެ ރައްޔިތުންނަށްވެސް ރަށުގައި ތިބެގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލަސް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކޮޅުމަޑުލުގައި މިހައިތަނަށް ހުޅުވިފައިވަނީ އެންމެ ރިޒޯޓަކަށްވެފައި އަދި ސިނާޢީ މަސައްކަތްތަކެއް ކުރެވެމުން ނުދާތީ ރަށުގައި ރަށުގައި ތިބެގެން ސްކޫލް ނިންމި ނަމަވެސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު އަދި އޮތީ ވަރަށް ކުޑަ ގޮތަކަށް ކަމަށެވެ. އަދި ވަޒީފާގެ ފުރުޞަތު ފަހިކޮށްދޭން މަސައްކަތް ކުރުމުގައި ކޮޅުމަޑުލާއިމެދު މިހައިތަނަށް އިހްމާލްވެވިފައި ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިޒަމާނަކީ އޮންލައިންކޮށް މަސައްކަތްކޮށްގެންވެސް އާމްދަނީ ހޯދެން އޮތް ދުވަސްވަރެއް ކަމަށެވެ. ވީމާ ހުނަރުހުރި ކުދިންނަށް އޮންލައިން ޕްލެޓްފޯމްގައި މަސައްކަތްކޮށްގެން މިހާރުވެސް ކުރިއަށް ދެވިދާނެ ކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދޭން ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
ކޮޅުމަޑުލަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ވަރަށް ގިނަ މަސައްކަތް މިހާރުވެސް ކުރެވޭ އަތޮޅެއް ނަމަވެސް ސްކޫލް ނިންމާ ދަރިވަރުން އެމަސައްކަތްކުރަން ޝައުޤުވެރިކަން ކުޑަވުމުން އެހެން އަތޮޅުތައް ފަދައިން ކޮޅުމަޑުލުގެ ރަށްތަކުގައިވެސް ގިނަ ޢަދަދެއްގެ ބިދޭސީން ގެންދަނީ މަސައްކަތްކޮށް އާމްދަނީ ހޯދަމުންނެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 10, 2024
10 ފެބްރުވަރީ 2024
ތ.ކިނބިދޫ، އުފާ، ޢާއިޝަތު ރައުނާ މުޙައްމަދު، ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުޞަތު ފަހިކޮށްދެއްވޭނެތޯ ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/ypbe5mMc6x