ކިނބިދޫއާއި ވޭމަންޑޫ ގުޅުވާލުމުން އާބާދީ އިތުރުވެ އެހެން ރަށްރަށުން ކިޔަވަން ބަދަލުވާ ދަރިވަރުންނާއެކު ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިހާރު ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ. ކިނބިދޫ، ނަރުގިސް ވިލާ، ޢާއިޝަތު ވަސީލާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަސީލާ ވަނީ ކިނބިދޫގައި ގްރޭޑް 10 ނިންމާ ދަރިވަރުން ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
މިސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ "މިހާރު ތަރައްގީގެ މަޝްރޫއުތަކުން ވޭމަންޑޫއާ މި ރަށް ގުޅާލުމުން އެއްކަމަށް އޭރަށް އެއްގަމުން މަގުން ދެވޭނެ އެރަށަށް. އޭރަށް އެއްފަސްވީ. އެއްފަސްވީމަ ލިބޭނެ ފައިދާތައް ހުންނާނެ. ތަޢުލީމު ހާސިލް ކުރުމުގައިވެސް. އެހެންވީމަ އެއީ އެއްގޮތް އަޅުގަނޑު ވިސްނާ ތިކަން (މަތީ ތަޢުލީމާ ގުޅިގެން ހުރި ކަންކަން) އިސްލާހުކުރަން، ދެން އެހެން ގޮތްގޮތްވެސް ވިސްނާނަން. ޕޮއިންޓަކީ ތި ބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ ހާސިލް ކުރާނަމޭ ވީހާވެސް އަވަހަކަށް" ކަމަށެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 9, 2024
9 ފެބްރުވަރީ 2024
ތ.ކިނބިދޫ، ނަރުގިސްވިލާ، ޢާއިޝަތު ވަސީލާ، ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް އެދި ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/irQNuJV9fv